

ދުޅަހެޔޮ ކަނޑުފަޅުތައް، ފާގަތި މުޖްތަމަޢުއެއް
ނޫ ރާއްޖެ
އަކީ ކޮބާ؟


ނޫރާއްޖެއަކީ މުޖުތަމަޢުއަށާއި، އިޤްތިޞާދާއި އަދި ތިމާވެއްޓަށް ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި، ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކަނޑުފަޅުތަކާއި ކަނޑުފަޅުގެ ވަޞީލަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެވެސް ކަނޑުފަޅުގެ ދިރުންތަކާއި މުރަކަ ފަރުތަކުގެ ވެށި އެންމެ މުއްސަނދި އެއް ޤައުމެވެ. ފަހަރަކު މަހެއް ބާނައިގެން ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ، ކަނޑުފަޅުތަކުގެ ވެއްޓަށް ކުރާ އަސަރު ކުޑަ، ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަމުގެ ތެރޭގައި ހިމެނޭ މަސްވެރިކަމެކެވެ. މާ ކަނޑުގެ ވަޞީލަތްތަކަކީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދުގެ ބިންގަލެވެ. އަދި އެންމެ ރަނގަޅު ފެންވަރުގެ ކަނޑުމަހާއި ސީފުޑްގެ ބާވަތްތައް އުފެއްދުމާއި، ދިވެހި ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތް ކުރުމުގެ އަސްލެވެ.
އެހެންނަމަވެސް ކަނޑުފަޅުގެ މި މާހައުލީ ނިޒާމުތަކަކީ ނާޒުކު ވަޞީލަތްތަކެކެވެ. ކަނޑުފަޅުގެ ސަރަޙައްދުތަކާއި ގުޅިފައިވާ ތަރައްޤީއާއި، މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ފަރުތަކަށާއި މަހުގެ އާބާދީއަށް ވަނީ ނުރައްކާތައް ކުރިމަތިވެފައެވެ. ކަނޑުފަޅުތަަކުގެ ވަޞީލަތްތަކުގެ ދުޅަހެޔޮކަން ބަރޯސާވަނީ ވިސްނުންތެރިކަމާއެކު ކުރެވޭ ޕްލޭންތަކުގެ މައްޗަށެވެ. އެހެންކަމުން ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދު ހިމާޔަތްކުރުމައްޓަކައި މިދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ނޫ ރާއްޖެ ޕްރޮގްރާމްގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި، ސްމާޓް އިޤްތިޞާދީ ތަރައްޤީއާއި، އެންމެ ނާޒުކު ދިރުންތަކުގެ ބާވަތްތަކުގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ވަށާޖެހޭ ޕްލޭންއެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިއީ، ރައްޔިތުންގެ ބޭނުންތަކަށާއި ތިމާވެއްޓަށްވެސް ކުރިއެރުން މަގުފަހިކޮށްދީ ފާގަތި މުސްތަޤްބަލެއް ފަހިކޮށްދޭނެ ޕްލޭނެކެވެ.
އަޅުގަނޑުމެންގެ
މިޝަން
-
ކަނޑުފަޅުތަކުގެ ވަޞީލަތްތައް ރައްކާތެރިކުރުމާއި، ފަރުތަކުގެ ވެށީގެދިރުން އިޔާދަކުރުން
-
ކަނޑުފަޅާއި ގުޅިފައިވާ ސިނާއަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން
-
އިންޑިއަން އޯޝަން ޓޫނާ ސްޓޮކް މެނޭޖްކުރުމުގައި ދިވެހިރާއްޖެ އަދާކުރާ ދައުރު ވަރުގަދަކުރުން
-
ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މަދުވެގެން %20 ހިމާޔަތްކުރުން
މައިގަނޑު
ފައިދާތައް
-
މަހުގެ އާބާދީ އިތުރުވުމާއި ކަނޑުފަޅުގެ ދިރުން އާލާވުން
-
ވަޒީފާގެ ފުރުސަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން
-
ފަތުރުވެރިކަމާއި މަސްވެރިކަމާ ގުޅިފައިވާ އިޤްތިޞާދުގެ ދުރު ރާސްތާގެ ޕްލޭންތައް ހެދުން
-
ކަނޑުފަޅާއި ގުޅިފައިވާ ހޯދުންތަކާއި، ދިރާސާއާއި، ތަޢުލީމު ކުރިއެރުވުމަށް ފުރުޞަތު އިތުރުވުން

މައިގަނޑު
އަސާސްތައް


ސައިންސަށް ބަރޯސާވުން
އަޅުގަނޑުމެންގެ ހުރިހާ މަސައަކަތެއްވެސް ބިނާވެފައި އޮންނަނީ ސައިންސްގެ މައްޗަށެވެ. އޭގެ ތެރޭގައި ކަނޑުފަޅުގެ ދިރުންތަކާއި އެތަކެތީގެ ވެއްޓާއި، މަސްވެރިކަމާއި ގުޅުންހުރި ސަައިންޓިފިކް ދިރާސާތައް ކުރުމުގެ އިތުރުން ސިޔާސަތުތަކަށް ގެންނަންވީ ބަދަލުތަކާއިގުޅޭ ލަފާދިނުމާއި، ކަންކަން ގަވާއިދުން މޮނިޓަރ ކުރުންހިމެނެއެވެ.
ރައްޔިތުންގެ ބައިވެރިވުން
މުޖުތަމަޢުގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އިސްކަންދޭ ކަންކަން ދެނެގަނެ، ހިޔާލުހޯދުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، މަސްލަހަތުވެރިންނާއި ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން ލިބޭ މަޢުލޫމާތުތައް ކަނޑުފަޅާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައާއި ތަންފީޒުކުރުމުގައި ބޭނުންކުރެވޭނެއެވެ.


ހަމަހަމަކަން
ނޫ ރާއްޖެ ޕްރޮގްރާމްގެ ބޭނުމަކީ ހަމައެކަނި ކަނޑުފަޅު ހިމާޔަތް ކުރުމެއް ނޫނެވެ. ދެމެހެއްޓެނިވި ގޮތަކަށް ކަނޑުފަޅުގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުފަޅަށް ބަރޯސާވާ ހުރިހާ ދިވެހި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމާއިއެކު، އެތަންތަނާއި ގުޅިފައިވާ ދިވެހި ސަގާފަތް ދެމެހެއްޓުމަކީވެސް މިޕްރޮގްރާމްގެ މަޤްސަދެކެވެ.

.png)