
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުން
ކަނޑުފަޅު
ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުން
ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ބަލަހައްޓައި، ރާއްޖޭގެ ކަނޑުފަޅުތަކަކީ އަންނަން އޮތް ޖީލުތަކަށް ތިޔާގި އަދި ތަނަވަސް ތަނަކަށް ހެދުމަށްޓަކައި ނޫ ރާއްޖެއިން އަންނަނީ މެރިން ސްޕޭޝަލް ޕްލޭނެއް ނުވަތަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ކަނޑުފަޅުތައް ބެލެހެއްޓުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތްކޮށްގެން ރާއްޖޭގެ މުޖުތަމަޢުއަށާއި، އިގްތިޞާދާއި، ތިމާވެއްޓަށް ފާގަތި މުސްތަޤްބަލެއް ބިނާކުރެވިދާނެއެވެ.
މެރިން ސްޕޭޝަލް ޕްލޭނިންގ (އެމް.އެސް.ޕީ) ނުވަތަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން ކުރުމަކީ ކުރިއަށް އޮތްތަނުގައި ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާނެގޮތާއި ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެގޮތް ރޭވުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްލޭނިންގ ޕްރޮސެސްއެކެވެ. މިއީ ޤުދުރަތީ މާޙައުލާއި މީހުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތާއި (މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކަނޑުމަގުން މުދާ އުފުލުމާއި، އިއާދަކުރަނިވި ހަކަތައާއި، އެކުއާކަލްޗަރއާއި ، އަދި އިންފްރާސްޓްރަކްޗަރ ފަދަ ކަންކަމާއި) ގުޅޭގޮތުން ލިބެންހުރި އެންމެ ފުރިހަމަ މައުލޫމާތު ބޭނުންކޮށްގެން އާއްމުންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
މެރިން ސްޕޭޝަލް ޕްލޭން ނުވަތަ
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އަކީ ކޮބާ؟

މެރިން ސްޕޭޝަލް ޕްލޭން ނުވަތަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭނަކީ ކަނޑުފަޅުގެ ސަރަހައްދުތަކުގައި ހިންގުމަށް ހުއްދަދޭ ހަރަކާތްތަކާއި، ތަފާތު ހަރަކާތްތައް ހިންގާނެ ޒޯންތަކާއި، ހިމާޔަތްކޮށް ރައްކާތެރިކުރާނެ ސަރަހައްދުތައް ކަނޑައަޅާ، ޗާޓެއްގެ ގޮތުގައި އެކުލަވައިލެވޭ މެޕް-ބޭސްޑް ޕްލޭނެކެވެ.
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭނެއްގެ
ފައިދާތައް

އިގްތިސާދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާޞިލުކުރުން

އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުޞަތުތައް ތަނަވަސްވުން

މަސްވެރިކަމާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުވުން

ސައިންސާއި ލިބެންހުރި އެންމެ ފުރިހަމަ މައުލޫމާތުގެ އަލީގައި، އާއްމުންގެ އިސްނެގުމާއި، ބައިވެރިވުމާއިއެކު ރޭވުންތެރިގޮތެއްގައި މަސައްކަތްކުރެވުން

ކަނޑުފަޅުގެ މާހައުލުތަކުގެ ދ ުޅަހެޔޮކަން އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށްޓަކައި އެކަށޭނެ އެޑެޕްޓިވް ގޮތްތައް ތަންފީޒުކުރެވުން

ކަނޑުފަޅުތަކުގެ ބޭނުންހިފާ ފަރާތްތަކުގެމެދުގައި ފުށުއެރުންތައް މަދުކުރެވުން
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުމުގެ
މަރުހަލާތައް
މައުލޫމާތު އެއްކުރުމާއި އެނަލައިޒްކުރުން
ސައިންސް އެކްސްޕެޑިޝަންތައް
ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާ
ޤާނޫނީ އޮނިގަނޑު ތަރައްޤީކުރުން

މަސްލަހަތުވެރިންގެ ހިޔާލުހޯދުން

ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް މުރާޖަޢާކުރުން

ޕްލޭން ތަރައްޤީކުރުން
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން ތަރައްޤީކުރެވި ކަނޑުފަޅުގެ ސަރަހައްދުތައް ޒޯންކުރެވިގެންދަނީ، ދިރޭތަކެތީގެ ސިންދަފާތާއި، މިހާރުގެ އިޤްތިޞާދީ ހާލަތާއި މުސްތަޤުބަލަށް ލަފާކުރާގޮތާއި، އާއްމު ދިރިއުޅުމުގެ ހާލަތާއި ގުޅޭ މަޢުލޫމާތު އަދި މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއަށް ބެލުމަށްފަހުއެވެ.


ތަންފީޒުކުރުން
އެކި ބޭނުންތަކަށް ކަނޑައެޅޭ ކަނޑުފަޅުގެ ސަރަހައްދުތަކާއި، ހިމާޔަތްކޮށް ރައްކާތެރިކުރެވޭ ސަރަހައްދުތައް ސާފުކޮށް އެނގޭނެހެން ފާހަގަކުރެވިގެން ދާނެއެވެ. އަދި އައު ޤަވާއިދުތަކަށް އާންމުން އަހުލުވެރިކުރުމުގެ މަސައްކަތްކުރެވިގެން ދާނެއެވެ.
މޮނީޓަރކޮށް ބެލެހެއްޓުމާއި މުރާޖަޢާކުރުން
ކުރިއަށް އޮތްތަނުގައި ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން މުރާޖަޢާކޮށް އަދާހަމަކުރެވިގެން ދާނެއެވެ.
މަސްލަހަތުވެރިންގެ
ބައިވެރިވުން
މުޖުތަމައުގެ އާންމުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއި އެފަރާތްތަކުގެ ހިޔާލުތަކަކީ ކަނޑުފަޅު ބޭނުންކުރާގޮތުގެ މުޅި ޕްލޭން އެކުލަވައިލުމުގެ ހުރިހާ މަރަހަލާތަކެއްގެވެސް އެންމެ އިސް އަސާސެވެ. ދިވެހިން ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތަކާއި، އެ ސަރަހައްދުތައް ބޭނުންކުރާގޮތުގެ އިތުރުން އެތަންތަނުގެ މުހިންމުކަން ވަޒަންކުރާ މިންވަރު ހޯދުމަށް ނޫރާއްޖެއިން ވަނީ ދިވެހި ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާއެއް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ. މަސްލަހަތުވެރިންނާއި ބައްދަލުކޮށް މި ދިރާސާ ފުރިހަމަކުރުމަށްޓަކައި ނޫރާއްޖޭގެ 18 ސާރވޭ ފެސިލިޓޭޓަރުން ހިމެނޭ ޓީމަކުން ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށަށް މި މުއްދަތުތެރޭ ދަތުރުކޮށްފައިވެއެވެ. މި ދިރާސާއަށް 25،000 އަށް ވުރެ ގިނަ މީހުން ތަމްސީލުކުރާ 4،924 ޖަވާބެއް ލިބިފައިވާއިރު، މިއީ މިހާތަނަށް ދުނިޔޭގައިވެސް ކުރިއަށް ގެންދިޔަ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭ ނުވަތަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާއެވެ. މި ދިރާސާގެ ނަތީޖާ ބޭނުންކުރަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕަލޭން އެކުލަވައިލުމުގެ މަސައްކަތުގައެވެ.
ދިވެހިރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާ
ޑިސެންބަރ 2021 - ނޮވެންބަރ 2022

އަޑުއެހުމުގެ ދަތުރު
އޯގަސްޓް 2022 - ނޮވެންބަރ 2022
ނޫ ރާއްޖެއިން ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންނަށް އަމާޒުކޮށްގެން އަޑުއެހުމުގެ ދަތުރުތަކެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ރާއްޖޭގެ ކަނޑުފަޅުތަކާއި މެދު މަސްވެރިން އިސްކަންދޭ ކަންކަން ދެނެގަނެ، މިހާރު ކަނޑުފަޅުތައް ބެލެހެއްޓޭގޮތާއި އެފަރާތްތަކުން ދެކޭގޮތާއި ހިޔާލުހޯދުމަށް ކުރެވުނު ދަތުރުތަކެކެވެ. ނޫ ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތާއި މި މަސައްކަތްތައް ކުރިޔަށްގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މައުލޫމާތުވެސް ނޫ ރާއްޖޭގެ އެންގޭޖްމަންޓް ޓީމުގެ ފަރާތުން މި ދަތުރުރަކުގައި މަސްވެރިންނާ ހިއްސާކުރެވުނެވެ. މި މުއްދަތުގެ ތެރޭގައި ނޫ ރާއްޖޭގެ އެންގޭޖްމަންޓް ޓީމުން 5 ލޭންޑިން (މަސްކިރާ) ސައިޓަކާއި، މީހުން ދިރިއުޅޭ 30 ރަށެއްގައި މުޅިއެކު 515 އެންގޭޖްމަންޓް ސެޝަން ބާއްވާ 1,506 މަސްވެރިން ހިމެނޭހެން ޖުމްލަ 1,886 މީހުންނާެއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީ ހިޔާލުހޯދާފައިވެއެވެ.
.jpg)

މު ޖުތަމައުގެ އާންމުންނާއި، މަސްލަހަތުވެރިންގެ ބައިވެރިވުމާއި އެފަރާތްތަކުގެ ހިޔާލަކީ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުމުގެ މަރުހަލާތަކުގެ އެންމެ އިސް އަސާސެވެ.

ޝާމިލުވާ ފަރާތްތައް

ދިވެހި ސަރުކާރު
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތު ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވަނީ މި މުއައްސަސާތަކުގެ މަންދޫބުންނެވެ.
-
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
-
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
-
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ
-
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ
ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގެ އެކި މަރުހަލާތަކުގައި މައުލޫމާތާއި ލަފާ ފޯރުކޮށްދިނުމުގައި ބައިވެރިވާ ސަރުކާރުގެ އިތުރު މަސްލަހަތުވެރިންގެ ތެރޭގައި ހިމެނެނީ:
-
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
-
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ކޯސްޓްގާޑް އަދި ހައިޑްރޮގްރަފީ
-
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީ.އޭ.އެމް)
-
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް
-
މިނިސްޓްރީ އޮފް ޓޫރިޒަމް
-
އެޓާރނީ ޖެނެރަލްގެ އޮފީސް (އޭ.ޖީ.އޯ)
.png)
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އަކީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާއިއެކު އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅު ބޭނުންކުރާ ގޮތުގެ ޕްލޭން (މެރިން ސްޕޭޝަލް ޕްލޭން) ތައް އެކުލަވާލައި ތަންފީޒުކުރުމުގައި ކޮމިޓެޑް ގައުމުތަކުގެ ސަރުކާރުތަކަށް އެހީތެރިވެދޭ ދުނިޔޭގެ އެކި އެކި މަދަނީ ޖަމިއްޔާތަކާއި، ތައުލީމީ މުއައްސަސާތަކާއި، ފައުންޑޭޝަންތަކާއި އަދި އެހެނިހެން ފަރާތްތައް ހިމެނޭ ބައިނަލްއަޤްވާމީ ނެޓްވާރކްއެކެވެ.
ސީސްކެޗް
ސީސްކެޗް އަކީ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސަންޓާ ބާބަރާގެ މެރިން ސައިންސް އިންސްޓިޓިއުޓްގެ މެކްލިންޓޮކް ލެބްގައި ހިމެނޭ އުފެއްދުންތެރި ޓީމްއަކުން އުފައްދާފައިވާ ޗާޓުކުރުމުގެ ޑިޖިޓަލް ޓޫލްއެކެވެ.
މަސްލަހަތުވެރިން
ނޫރާއްޖެއިން ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީ މެދުވެރިކޮށް މަސްލަހަތުވެރިންގެ ހިޔާލުހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނޫ ރާއްޖޭގެ ސްޓިއަރިން ކޮމިޓީގައި އެކި ދާއިރާތަކުގެ މަސްލަހަތުވެރިން ހިމެނޭއިރު، ޕްރޮގްރާމުގެ އެކި މަރުހަލާތަކުގައި އެ ފަރާތްތަކުން ހިޔާލު ފޯރުކޮށްދީފައިވެއެވެ. މި ސްޓިއަރިންގ ކޮމިޓީގައި ސަރުކާރުގެ އެކި މުއާސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، އިލްމީ އަދި ދިރާސާކުރާ ފަރާތްތަކާއި، އަދި ކަނޑުފަޅު ބޭނުންކުރާ ފަރާތްތައް ހިމެނެއެވެ. ސްޓިއަރިން ކޮމިޓީގެ މެންބަރުންގެ ލިސްޓު ބެލުމަށް މިލިންކްއަށް ކްލިކް ކޮށްލާށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ ގައުމުން ކަނޑުފަޅުތަކުގެ އިޤްތިޞާދު ބެލެހެއްޓުމަށް މެރިން ސްޕޭޝަލް ޕްލޭން ބޭނުންކުރެއެވެ.
ލިންކްތަކާއި ވަސީލަތްތައް
އެމް.އެސް.ޕީ ދުނިޔޭގެ އެކި ކަންކޮޅުތަކުން - ޔުނެސްކޯ މެރިން ސްޕޭޝަލް ޕްލޭނިން ޕްރޮގްރާމް
ޑެޒިގްނޭޓިންގ މެރިން ސްޕޭޝަލް ޕްލޭނިންގ ފޮރ އިމްޕްލިމެންޓޭޝަން: އަ ގައިޑް ފޮރ ލީގަލް ޑްރާފްޓަރސް - މޭ 2020
